ހެރެތެރެ އަށް ގެނައި ރަންބިސް އަޅާ ކުކުޅު ވަލު ކުކުޅަކަށް

Saturday, February 21, 2009


ޓުވަރިޒަމް އަކީ ރާއްޖޭގެ ރަން ބިސް އަޅާ ކުކުޅޭ ސަރުކާރުން ކިޔާ އަޑު އެއީ ވަރަށް ގިނައިން އިވޭ އަޑެކެވެ. އައްޑޫ އަތޮޅުގައި ވާ ހެރެތެރެ އަކީ 2006 ވަނަ އަހަރުގެ ކުރިން ވަލު ކުކުޅު އުޅެމުން އައި ތަނެއްކަން އައްޑޫ އަތޮޅުގެ ހުރިހާ އެންމެން ވެސް ދަންނާނެއެވެ. މި ވަލު ކުކުޅުތައް މިތަނުން ފަހާލާ މިތަނަށް ރަން ބިސް އަޅާ އޮޅު، ދޮން ކުކުޅެއް 2008 ވަނަ އަހަރު ގެނެއުން ވީ މި އަތޮޅުގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ވެސް ބޮޑޮ ހިތްހަމަ ޖެހުމަކަށެވެ. މިކުކުޅު އަޅާ ކޮންމެ ބިހަކީ ވެސް މިއަތޮޅުގެ ހުރިހާ އެންމެންނަށް ވެސް ސީދާ ކޮށް އަދި ނުސީދާ ކޮށް ވެސް އޭގެ ފައިދާ ކުރާނެ ކަމެއް ކަން ޔަގީނެވެ. މި ކުކުޅަށް ކާންދީ ކުކުޅު އޮޅު ކުރާނީ ވެސް މި އަތޮޅުގެ ރައްޔިތުންނެވެ. މި އަތޮޅުގެ މީހުންނަކީ ދިވެހި ރާއްޖެ އަށް ރަންބިސް އަޅާ ކުކުޅުގެ މުޑުވަތް ފުރަތަމަ ގެނައި ދުވަސް ވަރުން ފެށިގެން މުޑުވަތް އާލާ ކުރުމާއި ކުކުޅަށް ކާންދީ ބޮޑު ކޮށް ބިސް އެޅުވުމުގައި ފުރިހަމަ ތަޖުރިބާ ލިބިފައި ތިބިމީހުންނެވެ. 2008 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ހެރެތެރޭގައި ރަންބިސް އަޅާ ކުކުޅު ވަނީ މިއަތޮޅުގެ އެންމެންނަށް ވެސް ވަރަށް ފައިދާ ހުރި ބިސް ތަކެއް އަޅާ ފައެވެ.
ނަމަވެސް ޖޫން މަހުން ފެށިގެން ބިޑްގެ އުސޫލުން ކުއްޔަށް ހެރެތެރެ ހިންގުމާއި ހަވާލު ވީ ފަރާތަކީ މިކަހަލަ ކުކުޅެއް ގެންގުޅުމުގެ އެއްވެސް ކަހަލަ ތަޖުރިބާ އެއްލިބިފައި ވާ ބައެއް ނޫނެވެ. މަގުމަތީ ގައި ލޮލީ ވިއްކުމުގެ ތަޖުރިބާ ކިތަންމެ ފުރިހަމަ އަކަށް ލިބިފައި ވިޔަސް ރަންބިސް އަޅާ ކުކުޅު ގެންގުޅުމުގެ ތަޖުރިބާ އެއް ނެތެވެ. ކުކުޅަކަށް ކާކަށް ނުދެވެއެވެ. ކުކުޅަށް ބޭނުންވާ އެހެނިހެން ކަންތަކެއް ކޮށް ނުދެވެއެވެ. އެހެން ކަމުން އެއްދުވަހުން އަނެއްދުވަހަށް ކުކުޅު ވަގު ވާން ފެށި އެވެ. ނޮވެމްބަރުން ފެށިގެން އެޕްރިލް މަހާ ހަމަ އަށް އެއީ ރާއްޖޭގައި އުޅޭ މިބާވަތުގެ ކުކުޅު ތަށް އެންމެ ގިނައިން ބިސް އަޅާ ދުވަސް ވަރެވެ. ނަމަވެސް ހެރެތެރޭގައި ވާ ކުކުޅުތަށް ވަގުވެފައިވާ ވަރުން ބިސް އަޅާކަށެއް ނޫޅުނެވެ. އަދި ފެނިގެން ދަނީ މެނޭޖްމަންޓްގަ ތިބިމީހުން ކުކުޅަށް ވުރެން ބިސް ދޮށި ވެގެން އުޅޭ ތަނެވެ. ކުކުޅު ލާން ހަދާފައިވާ ކޮށި ތަކުން ވެސް ފެންނަނީ ކުކުޅެއް ނޫނެވެ. ކުކުޅަށް ދޭން ރާއްޖެ އަށް އެތެރެ ކުރުމުގެ ހުއްދަދީފައި ވާ ހަމަ އެކަނި ބޭސް ވެސް ކުކުޅަށް ވުރެން ގިނައިން ބޭނުން ކުރަނީ މެނޭޖްމަންޓްގައި އުޅޭ ރާބޮއްލި ތަކެވެ. އެހެން ކަމުން ރަން ބިސް އަޅާ ކުކުޅަކަށް މިހާރު ހެރެތެރެ އިން ޖާގަ އެއްނެތެވެ. ފަހަރުގައި ކުކުޅަށް ލޮލީ ނުބޮވޭތީ ކަމަށް ވެސް ވެދާނެއެވެ.
އެހެން ކަމުން މިހާރު އަނެއްކާ ވެސް މިވަނީ ހެރެތެރޭގައި ވަލު ކުކުޅު އާލާ ވާން ފަށާ ފައެވެ. 2006 ވަނަ އަހަރުގެ ކުރިން ތިބި ވަލު ކުކުޅަށް ވުރެންވެސް ޖަނަވާރު ކަން މާ ބޮޑު ވަލު ކުކުޅު ތަކެކެވެ. މި ވަލު ޖަނަވާރު ތަކަށް އެންމެ މީރު ބޭހަކީ ވޮޑްކާ ނަމަކަށް ކިޔާ ބޭހެކެވެ. މިހާރު މި އަތޮޅުގެ ހުރިހާ އެންމެންނަށް ވެސް ވަނީ މިކަމުގެ ބަލާ ޖެހިފައެވެ. ހުރިހާ އެނެމެން ވެގެން މި ވަލު ޖަނަވާރު ތައް ފައްސާލަން އެބަ ޖެހެއެވެ. ރަން ބިސް އަޅާ ކުކުޅު ގެނެސް ރަގަޅަށް އޮޅު ކުރަން އެބަ ޖެހެއެވެ. މިކަން ކުރެވޭނެ ޖާބިލް މީހުން މިއަތޮޅުގައި މިހާރު ވެސް އެބަތިއްބެވެ. ހެރެތެރޭގައި ބޭނުން ވަނީ ލޮލީ ޝައިތާނެއް ނޫނެވެ. މި ޝައިތާނުންނަކީ ވަލު ކުކުޅު ގެންގުޅެން އެކަށީގެން ވާ މީހުންނެވެ. މި އަތޮޅުގެ މީހުންނަށް މިހާރު ދަނީ ސިދާ ކޮށް އަދި ނުސީދާ ކޮށް ވެސް މި ވަލު ކުކުޅު ތަކާއި ޝައިތާނުންގެ ފަރާތުން ގެއްލުން ލިބެމުން ނެވެ. މިގެއްލުން ތައް ފޫބެއްދުން ފަހުން ވަރަށް އުދަގޫ ވާނެކަން ޔަގީނެވެ.

1 comments:

Herathera Live said...
This comment has been removed by the author.

މައްޗަށް ދާން