މުސާރަ ނުދީ މުވައްޒަފުން ހައްދަނީ
Tuesday, February 10, 2009
ޔޮޓް ޓުވާރސް އިން ހެރެތެރެގައި ހިންގާ ހަނދުފުށި ރިސޯޓްގެ މުވައްޒަފުން ނަށް ޖެނުއަރީ މަހުގެ މުސާރަ މަހުގެ10
ވަނަ ދުވަހާ ހަމަ އަށް ދިޔަ އިރު ވެސް އަދި ވަނީ ދެވޭ ގޮތް ނުވެފައެވެ. ޖެނުއަރީ 7 ވަނަ ދުވަހު މުވައްޒަފުން ކުރި ހަޅުތާލާ ގުޅިގެން އެމަހުގެ މުސާރަ ވަނީ 8 ވަނަ ދުވަހު ދީފައެވެ. އަދި އޭރު ނުދީ ހުރި އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ބޯނަސް ވެސް ދޭނެ ކަމަށް ވަނީ ލިޔުމަކުން އެއްބަސްވެ މުވައްޒަފުންނަށް ދީފައެވެ. އޭގައި ވާ ގޮތުން 7 ދުވަހުގެ ތެރޭގައި 1 މަހުގެ ބޯނަސްދީ 14 ދުވަހުގެ ތެރޭގައި އަނެއްދެމަހުގެ ބޯނަސް ދޭނެ ކަމަށް އެއްބަސް ވެފައި ވެއެވެ. 7 ދުވަސް ވީ އިރު އެއްމަހުގެ ބޯނަސް ދެވެނުކަމުގައި ވިޔަސް 13 ވަނަ އަށް ވީ ދުވަހު މުވައްޒަފުން އެއްކޮށްގެން ޖެނެރަލް މެނޭޖަރ ރޯނު ޝައިތާން (ރޯނު އިއްބެ) ވަނީ 2 މަހުގެ ބޯނަސް ދެވެން ނެތް ކަމުގައި ބުނެފައެވެ. އަދި މުވައްޒަފުން ހަޅުތާލު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި ވީހާ ވެސް އަވަހަކަށް ބޯނަސް ދޭނެ ކަމުގައި ވެސް އަންގާފައި ވެއެވެ. އަދި އަންގާފައިވަނީ ވީހާ ވެސް އަވަހަކަށް ބޯނަސްގެ ކަންތައް ހަމަ ޖައްސަދޭނެ ކަމަށެވެ. އެގޮތުން ހަފްތާ އެއްގެ ތެރޭގައި 2 މަހުގެ ބޯނަސް ދޭނެ ކަމުގައި ބުނެފައި ވެއެވެ. ނަމަވެސް ހަފްތާ ނިމިގެން ދިޔަ އިރުވެސް ބޯނަސް ނުލިބުމުން މުވައްޒަފުން ވަނީ ޑިއުޓީ އަށް ނުނިކުންނާނެ ކަމުގެ އިންޒާރު މެނޭޖްމަންޓަށް ދީފައެވެ. މިކަމާ ގުޅިގެން އޭގެ އަނެއްދުވަހު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. ޖެހިގެން އައި ދުވަހު ހަވީރު ވީ އިރުވެސް ލިބޭވަރެއް ނުވެގެން ދެން ޖެހިގެން އަންނަ ދުވަހު ޑިއުޓީ އަށް ނުނިކުންނާނެކަން ވެސް މުވައްޒަފުން އިއުލާން ކުރިއެވެ. އެހެން ކަމުން މިކަން ހުއްޓުވުމަށްޓަކައި ހަވީރު 6 ވެސް ޖެހިފަހުން 1 މަހުގެ ބޯނަސް ދޭން ނިންމިއެވެ. މިހެން މިހެދީ މުވަޒަފުން މައިތިރި ކުރުވުމުގެ ގޮތުން ނެވެ. މިހާރު ޖެނުއަރީ މަސް ނިމި ފެބްރުއަރީ މަހުގެ 10 އަކަށް އެޅުނު އިރު އަނެއްކާވެސް އެއްމަހުގެ މުސާރަ އާއި ޑިސެމްބަރު މަހުގެ ބޯނަސް އަދި ޖެނުއަރީ މަހުގެ ސާވިސް ޗާރޖް ވަނީ ނުލިބިފައެވެ.
މިހެން ކަންތައް ގޮސްފައި ވާއިރު މިހާރު މެނޭޖްމަންޓްއިން ކުޅެމުން ދަނީ މުޅިން އެހެން ކަހަލަ ކުޅިގަނޑެކެވެ. އެގޮތުން ކޮންމެ ޑިޕާރޓްމަންޓެއް ވަކިން ޕިކްނިކް ދަތުރު ގެންދަނީ އެވެ. އެންމެ ފުރަތަމަ ދުވަހު ދިޔައީ ހުރިހާ ހެޑް އޮފް ޑިޕާރޓްމަންޓުގެ މީހުންނެވެ. އެދުވަހު އެކަނިވެސް ފިކްނިކް ދިޔަ ސަރަހައްދަށް ވަނީ 6 ކޭސް ބިޔަރު އަދި 10 ވަރަކަށް ފުޅި ވިސްކީ ވަނީ ގެން ގޮސްފައެވެ. އޭގެ ފަހުން ކޮންމެދުވަހަކު ވެސް ކޮންމެވެސް ޑިޕާރޓްމަންޓެއް ޕިކްނިކް ފޮނުވައެވެ. ކޮންމެދުވަހަކު ވެސް 3 ކޭސް ބިޔަރު އެސަރަހައްދަށް ގެންދެއެވެ. ގެންގޮސް ހުރިހާ ސްޓާފުންނަށް ބޯންވެސް ދެއެވެ. ބޯން ބޭނުން ނުވާ މީހެއް ވެއްޖިއްޔާ ކޮންމެވެސް އެހެން އެއްޗެއްގެ ތެރެއަށް އަޅާ މިކްސް ކުރުމަށް ފަހު އޮޅުވާލައިގެން ވެސް ވަނީ ބޯން ދީފައެވެ. މިކަންތަށް ކުރަމުން މިގެންދަނީ މުވައްޒަފުން މުސާރަ ނުލިބިގެން ރުޅިގަދަވެދާނެތީ މުވައްޒަފުން ހިތް ހަމަޖައްސާ ދިނުމަށް ކަމަށް މެނޭޖްމަންޓްގެ ވަރަށް އިސް ފަރާތަކުން ހެރެތެރެ އޮބްޒާރވާ އަށް ވަނީ ކަށަވަރު ކޮށްދީފައެވެ. އެގޮތުން އެބޭފުޅާ ކިޔައިދިން ގޮތުގައި ޕިކްނިކް ގެންދާ ބިޔަރު ތަކަކީ އެ ރިސޯޓުގައި ގަރަންޓީ ހަމަވެފައި ހުރި އެއްޗިއްސެވެ. އަދި ބުނެފައި ވަނީ މިކަމުގެ މަގްސަދު ވެސް ވަރަށް ރަގަޅަށް ހާސިލު ވަމުން ދާ ކަމުގައެވެ. އެގޮތުން މިދިޔަ މަހުގެ 7 ވަނަ ދުވަހު މުޒާހަރާ ކުރި މުވައްޒަފުން 10 ދުވަސް ވީ އިރު އަޅާ ނުލާ ހަމަ ހިމޭނުން އެބަ ތިބި ކަމަށެވެ.
0 comments:
Post a Comment