Friday, January 23, 2009

ތިރީގައި މިގެނެސްދެނީ 31 މެއި 2008 ވަނަ ދުވަހު މަޝްހޫރު އަލްބަންނަވާގެ އެޑިޓަރު (ކަރުކެހިއަދުރޭ) އަލްބަންނަވާ ބްލޮގުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން ކިޔުންތެރެންނަށް މިގެނެސްދެނީ މިލިޔުމުގައި ފާހަގަކޮށްފައިވާ ކަންތައްތައް މިއަދު ހަގީގަތަކަށްވެ އެމަންޒަރު ލޮލުން ފެނި އެކަމުގެ ހިތިރަހަ އައްޑު އަތޮޅުގެ ރައްޔިތުންގެ ކަރުގައި ފޭދިފައިވާތީއެވެ. މިލިޔުން ތިޔަބޭފުޅުންނަށް ގެނެސްދިނުމުގެ ދެވަނަ ބޭނުމަކީ މިލިޔުމުގައިވާ ކަންތައްތަކާއިމެދު ފުންކޮށް ވިސްނައި އައްޑު އަތޮޅުގައި ފުރަތަމަ ހުޅުވުނު ރިސޯޓް ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ބާރުއެޅުމުގެ ބޭނުމުގައެވެ.

އައްޑުއަތޮޅު ހެރަތެރައަކީ އެރަށަކާމެދު މުޅި އަތޮޅުގެ ހުރިހާ ރައްޔަތުން ފޮނި އުއްމީދުތަކެއްކުރި ރަށެކެވެ. އެރަށެއްފެނުމުން ފަޙުރުވެރިވެލާފަ އެއީ އައްޑުއަތޮޅުގެ ފުރަތަމަރިސޯޓުއޭވެސް އަޅުގަޑުމެންބުނީމެވެ. އައްޑޫގެ ޒުވާނުން އަތޮޅުގަތިބެގެން ވަޒީފާލިބުނީތީ އުފާވިއެވެ. ކޮންމެމަހަކުވެސް މަހުމުސާރަކޮޅު، މަސްނުލިބެނީސް ލިބުމުން އެކަމާ ހިތްހަމަޖެހުނުލެއްވެސް ވަކި ކުޑައެއްނޫނެވެ. އައްޑޫގެ ރައްޔަތުން އަނބިދަރިންނާވަކިން ރާއްޖޭގޭ އެކިތަންތަނުގަ މަސައްކަތްކުރި ކުރުން ނިމުމަކަށްގެނެސްދިން ހެރަތެރަ ދުނިޔޭގޭ ވުޖޫދަށް އުފަންވި އުފަންވުން އެއީ މުޅިއަތޮޅުގެ އެންމެން އެކަމާ އުފާކުރި ދުވަސްތަކަކަށްވިޔަސް، އެދުވަސްތައް މާޒީގެ ސަފުހާތަކުތެރެއަށް ދޫކޮށްލުމަށްފަހު މިއަދު ހުރިހާ އެންމެންމެންގެ މޫނުމަތިންފެންނަމުންދަނީ ކަންބޮޑުވުމާ މާޔޫސްކަމެވެ.

އެމް.ޓީ.ޑީ.ސީ އިން ހެރަތެރަ ރިސޯޓަކަށްހެދީ އައްޑޫ ރައްޔަތުންނަށް ވަޒީފާގެ ފުރަސަތު ހޯދަދިނުމަށާ އަދި އައްޑޫ އިތުރަށްތަރަށްގީކޮށް ކުރިއެރުވުމުގެ ނަމުގައޭބުނެ މީގެ ކުރިން އެމް.ޓީ.ޑީ.ސީގެ ވެރިން ވަނީ ވަރަށްގިނައިން ވާހަކަ ދައްކާފައެވެ. ޙާއްސަކޮށް އެކުންފުނީގެ މެނޭޖިން ޑިރެކުޓަރ ސޯލިހު ހެރެތެރެއާއި އައްޑޫ ރައްޔަތުންގެ އުއްމީދު ތަކާއި ގުޅުވާއިގެން ދައްކާފަ ހުރި ފޮނި ވާހަކަތަކަކީ އަތޮޅުގެ ކޮންމެ ރައްޔަތަކަށްވެސް ހިތްހަމަޖެހުން ގެނެސްދިންކަމެކެވެ. އެހެންނަމަވެސް ސޯލިހު އަކީ އެއްވެސްދުވަސްވަރެއްގަ ދައްކާވާހަކައާއި އަމަލާއި ދިމާނުވާ ބޭފުޅަކަށްވާތީ، އެބޭފުޅާ ކުރިންހިންގި ޅޮހިފުށިރިސޯޓުގައި ވަޒީފާއަދާކުރި މީހުންނަށް ޖެހުނު ހާލު މިއަދު މިއޮތީ ހެރަތެރަ ރިސޯޓުގެ މުއައްޒަފުންނަށްޖެހި ނިމިފައެވެ. ހަމަ އެދުވަހު ސޯލިހު ޅޮހިފުށީގެ މުއައްޒަފުން އަނދަވަޅަކަށް ވައްޓާލުމަށްފަހު ފިލިގޮތަށް މިހާރު އެވަނީ ފިލާފައެވެ. ހެރަތެރޭގެ މުއައްޒަފުންނަށް ވަޒީފާގެ ޔަގީންކަމެއްދޭނެ މީހެއްނެތެވެ.

އެމް.ޓީ.ޑީ.ސީ އިން އެކުންފުންޏަށް ލިބިފަހުރި އެހެންރަށްތައް ރިސޯޓުތަކަށް ހަދަމުން ހެރަތެރަ ހިންގުމަކި ދަތިކަމަކަށްވާތީ އެމް.ޓީ.ޑީ.ސީ އިން ނިންމީ އެރަށް ބީލަމަށްލާއިގެން އެހެންބަޔަކާ އެރަށް ހިންގުމާ ހަވާލުކުރުމަށެވެ. އެގޮތުން ފުރަތަމަ ބީލަމަށް ލާއިގެން ކާމިޔާބު ކުރި ފަރާތަށް އެރަށް އެވޯޑު ކުރަން ހަމަޖެހިފައޮތްވާ ފެނިގެންދިއައީ އެރަށުގެ ބީލަން ކާމިޔާބުކުރިފަރާތުގެ ބީލަން ބާތިލު ކުރި މަންޒަރެވެ. ސަބަބެއްކަމުގައި އެމް.ޓީ.ޑީ.ސީ ގެ މެނެޖިންޑިރެކުޓާރ ސޯލިހު ވިދާޅުވީ އެރަށުން ކުރިން ނުފެންނަ އިތުރު މައްސަލަތަކެއް ފެނުމުން ބާތިލުކުރަން ޖެހުނީ ކަމަށެވެ. އެފެނުނު މައްސަލަތަކެއް އެގޭނީ ހަމަ ސޯލިހު އަށެވެ. އެވާހަކަދެއްކުމުގެ މާބޮޑު ބޭނުމެއްނެތެވެ.

ކޮންމެޔަކަސް މިއަދު މިއޮތީ އެރަށް ދެވަނަ ފަހަރަށް ބީލަމަށް ލައިގެން ރާއްޖޭގައި ރިސޯޓުވިޔަފާރި ކުރަމުން އަންނަ ކުންފުންޏެއްކަމުގައިވާ ޔޮޓުޓުއާސް ކާމިޔާބު ކޮށްފައެވެ. ޔޮޓުޓުއާސް އެރަށް ކާމިޔާބު ކޮށްފައިވަނީ 20 އަހަރަށެވެ. އެކުންފުނިން 20 އަހަރުދުވަހުގެ ކުލީގެ ގޮތުގައި އަހަރަކު އެދަކަށް ހުށަހަޅާފައިވަނީ 18196 ޑޮލަރެވެ. އެއީ އެރަށް ކުއްޔަށް ހޯދުމަށް އެންމެމަތީ އަގެއްހުށަހެޅި ބޭރުގެ ކުންފުންޏެއްކަމުގައިވާ މައިނާ އިންޓަނޭޝަނަލް ޕަބުލިކު ލިމިޓެޑަށްވުރެ 1185 ޑޮލަރުގެ ދަށްއަދެކެވެ. އެހެންނަމަވެސް ސޯލިހު އެބުނާ ނެޓް ޕުރެޒެންޓު ވެލިއުއަށް ބަލާފަ އެއޮތީ ޔޮޓުޓުއާރސް ނުވަތަ ޖާބިރު އަށް އެރަށްލިބި ނިމިފައެވެ. އެ ނެޓަކާއި އަދި ޕުރެޒެންޓެއް އެގޭނީ ސޯލިހުއަށާއި ދެން އެރަށް ވަކިބަޔަކަށް އެވޯޑު ކޮށްދީ އައްޑޫ ރައްޔަތުންގެ ކަރަށް ފައިން އަރަން ބޭނުންވެފައި ތިބި ބަޔަކަށެވެ.

އެރަށުގެ ބީލަން ދެވަނަފަހަރަށް ހުލުވާލުމުށްފަހު އެބުނާ ނެޓުޕުރެޒެންޓު ވެލިއުއެއްގެ ވާހަކަދެއްކުމާއި އެއްކޮށް އެރަށް ކާމިޔާބު ކުރާނީ ޔޮޓު ޓުއަރސް ގާތްގަޑަކަށް ޔަގީންވިއެވެ. އަދި ޔޮޓު ޓުއަރސްއަށް އެރަށް ލިބިދާނެތީ މުޅި އައްޑު އަތޮޅު ރައްޔަތުން ދިޔައީ އެކަމާ ކަންބުޑުވުން ފާލުކުރަމުންނެވެ. އެހެންނަމަވެސް ސޯލިހު ވިދާލުވީ ރިސޯޓު ކުއްޔަށް ދޭއިރު އެރަށަށް ކުރިމަތި ލާފައިތިބި ކުންފުނި ތަކުގެ މާޒީއަށްވެސް ބަލާނެކަމަށާއި އެބަޔަކީ އެރަށް ހިންގޭނޭ ވަރުގެ ބަޔެއްތޯވެސް ބަލާނެކަމަށެވެ. މިއަދު މިއޮތީ ސޯލިހު ބުނި މާޒީއަށް ވަރަށް ރަގަޅަށް ބަލާފަ ޖާބިރުގެ މިލްކަކަށް ހެރަތެރަ ހަދާ ނިންމާފައެވެ.

ކިތަންމެވަރަކަށް މިއަދު އެވާހަކަ ދެއްކިޔަސް ދެންއެއީ ބަދަލުވާނެ ކަމެއްނޫނެވެ. ދެން އަޅުގަޑުމެންވެސް މިޖެހެނީ ޖާބިރުގެ މާޒީއަށް ބަލާށެވެ. ޖާބިރުގެ މާޒީއަށް ބަލާއިރު ޖާބިރުއަށް ހެރަތެރަ ރިސޯޓެއްގެ ގޮތުގައި ހިންގިދާނެކަމާމެދު ސުވާލު އުފެދެއެވެ. ކުރިން ޖާބިރު ހިންގި ރިސޯޓެއްކަމުގައިވާ ދޮންވެލި ބީޗް ގައި މަސައްކަތްކުރި މުއައްޒަފުން އޭގެ ހެއްކަކަށް ފުދޭނެއެވެ. 3 މަސްވާއިރު ވެސް މުސާރަކޮޅު ނުދިނުމާއި އެވާހަކަ އޭގެ މުއައްޒަފަކު ދެއްކިކަން އެގިއްޖެނަމަ ވަޒީފާއިން ވަކިކުރުން އެއީ އެބޭފުޅާގެ މާޒީގައި ރަން އަކުރުން ފެވޭނެ ކަމެކެވެ. ޖާބިރު ކިތަންމެވަރަކަށް ތިމަންނަ ބަޔަކަށް ދޭންޖެހޭނެ ލާރިތަކެއް ނުހުންނާނެކަމުގައި ވިދާޅުވިޔަސް އައްޑުއަތޮޅު ހުޅުދޫގެ ރައްޔަތުކު މިއަދު އެދަނީ ޖާބިރުއާއިގެން ދަޢުވާކުރުމަށް ތައްޔާރުވަމުންނެވެ. ޖާބިރުގެ ރަށެއްގައި މިދެންނެވި ހުޅުދޫ ޒުވާނާ ޖާބިރު ބުނެގެން މެނޭޖަރެއްގެ ވަޒީފާއަދާކުރުމުން ލިބޭންޖެހޭ 200000 ރުފިއާ އަދިވެސް ނުލިބެއެވެ. ހުވަދު އަތޮޅުގެ ރަށެއްގެ މީހެއްގެ އަތުން ދޯންނެއް ކުއްޔަށް ނަގާއިގެން އެދޯންނަށް މަހަކު ދައްކަންޖެހޭ ފާއިސާ ނުދައްކާ އަހަރު ދުވަހަށް ވުރެ ގިނަދުވަސްވީ އިރުވެސް ލާރި ދައްކާފައެނުވެއެވެ. އެންމެ ފަހުން އެ ނިކަމެތި ބެއްޔާ، އެދޯނި ގަޑު ފަރަކަށް އަރާ ހަލާކުވެގެން އެ ދޯނި ހަދަންވެގެން ލާރިކޮޅެއް ބޭނުންވެގެން ޖާބިރު އާއި ބައްދަލު ކުރަން ދިއުމުން ޖާބިރު، ޖާބިރު ހުންނަ ކޮޓަރިކޮޅުގެ ވަލު ދޮރާށިން ފިލިކަންވެސް އެއީ ޖާބިރުގެ މާޒީގައި ކޮންމެވެސް ކަހަލަ ރީތިގޮތަކަށް ފަވަންޖެހޭނެ ކަމެކެވެ.

މީގެ ކުރިން އެމް.ޓީ.ޑީ.ސީގެ ވެރިން ހެރަތެރައަކީ އައްޑޫ ރައްޔަތުންގެ ތަނެކޭ ކިތަންމެވަރަކަށް ބުނި ކަމުގައިވިޔަސް ޖާބިރު ހެރަތެރަ ރިސޯޓުއާއި ހަވާލުވިދުވަހު ވަނީ އެއީ އެގޮތަށް އޮތްކަމެއްނޫންކަން ސާބިތުކޮށްދީފައެވެ. ޖާބިރު ވިދާޅުވީ އެއީ އައްޑޫ ރައްޔަތުންގެ ވިޔަފާރިއެއް ނޫންކަމަށާއި އެއީ ޔޮޓު ޓުއަރސްގެ ވިޔަފާރިއެއްކަމަށެވެ. އަދި އެކަން އެއްވެސް ބަޔަކު އޮޅުވާނުލުމަށެވެ. މީ ފުރަތަމަވެސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން ޖާބިރު ބުނެފައިވާ ނުކުޅެދޭވާހަކައެކެވެ. ޖާބިރުއަށް ވިޔަފާރި އެއީ ކޯއްޗެއްކަން އެގޭ ކަމާއިމެދު ޝައްކެވެ. އެގޭ ކަމަކީ ކޮންމެ ވިޔަފާރިއެއްވެސް ކުރިއަރާއިދަނީ އެތަނެއްގަ ވަޒީފާއަދާ ކުރާ ބައެއްގެ ސަބަބުން ކަމެވެ. އެގޮތުން ބަލާއިރު އެރަށުގަ ވަޒީފާ އަދާކުރާނީ އައްޑޫ ދަރިންނެވެ. މަންފާލިބޭނީ އައްޑޫއަށެވެ. އެހެންވީމާ އެއީ އައްޑޫ ވިޔަފާރިއަކަށް ނުވާނެގޮތެއްނެތެވެ. ޖާބިރު ހިތުން މޮޅުވާހަކަ ދައްކާ މާމޮޅު ވިޔަފާރި ވެރިއެއްކަމުގަ ހެދިގެން ހުއްޓަސް ޖާބިރު އަކީ މީހުންނަށް ދަރާ އަޅިބޯ ކައިފަހުރިމީހެވެ. ޖާބިރު މެންކަހަލުގެ މީހުން މަޖުލިސް މެމްބަރުންނަށް ތިބެ ރައްޔަތުންގެ ހައްގޭ ކިޔާފަ ވީދޭއިރު އަޅުގަޑުމެން ލަދުގަނެއެވެ. ދެރަވެއެވެ. އެކަމަކު ކީއްކުރާނީ ތޯއެވެ. މިއަދުގެ ދިވެހި ގައުމު މިއޮތީ މުއްސަދިން ކުޅޭކުޅޭ ރާޒުވާ ކުޅިބަޔަކަށް ހަދާފައެވެ.

ދެން އޮތީ މުޅިން އެހެން ވާހަކައެކެވެ. ޖާބިރު އަށް ހެރަތެރަ ލިބުމަށްވުރެވެސް ބޮޑު ވާހަކަ އެކެވެ. މިއަދުގެ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިއަދު ހިގަމުންދާ ގިނަ ހަގުރާމަތަކަކީ އެބައެއްގެ ތާރީޙާއި އަދި އެބައެއްގެ ސަގާފަތާކުޅޭތީ ހިގަމުންދާ ލޭ އޮހުރުވުންތަކެވެ. އަޅުގަޑު އެއްގޮތަކަށްވެސް ލޭ އޮހޮރުމަކަށް ތާޢީދުކުރަނީ އެއްނޫނެވެ. މިއަދު ޖާބިރުވެސް މިވަނީ އަޅުގަޑުމެންގެ ސަގާފަތާއަދި ތާރީޙާ ކުޅެފައެވެ. އެއީ ހެރަތެރަ ރިސޯޓުގެ ނަންބަދަލުކުރަން އުޅޭ މައްސަލައެވެ. ބައެއްބޭފުޅުންގެ ނަޒަރުގަ އެއީ މައްސަލައްނޫނެވެ. އެހެންނަމަވެސް ހަގީގަތުގަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ހެރަތެރޭގެ ނަން ހެރެތެތަ މާކެޓުކުރުމުގެ ނަމުގައި ހެރަތެރައާއި އަދި އައްޑޫއާއިވެސް އެވެސް ކަހަލަ ގުޅުމެއްނެއްނަމެއް ހެރަތެރައަށް ދިނުމަކީ އަޅުގަޑުމެން އެންމެންވެސް އެކަމާއި ދެކޮޅުހަދަން ޖެހޭނެކަމެކެވެ. ހެރަތެރައަށް މާރކެޓުކުރުމުގެ ނަމުގައި ހެރަތެރައާއި ގުޅުމެއްހުރި ނަމެއް ދިންނަމަ ތަންކޮޅެއް ރަގަޅުވީސްއެވެ. މިސާލަކަށް ކަޅުހެރަ ރިސޯޓު، މާފުށި އައިލެންޑު ރިސޯޓު މިކަހަލަ ކޮންމެސް ނަމެއްވެސް ދެވިދާނެއެވެ. ހެރަތެރަ މާރކެޓުކުރަން ބޭނުންނަމަ ނަންބަދަލުނުކޮށް އެނޫން އެހެންގޮތެއް ހޯދުން ބުއްދިވެރިއެވެ. މާރކެޓު ކުރާ ބޭފުޅުންނަށް އެގޮތްތައް ހޯދަންއެގޭނެއެވެ. ހެރެތެރޭގެ ނަން ބަދަލުކުރާނަމަ ހަމަ އެކަނި ބަދަލުކުރަން ޖެހޭނީ ހެރަތެރޭގެ ނަމެއްނޫނެވެ. އައްޑުއަތޮޅުވެސް ބަދަލުކުރާށެވެ. އައްޑުއަތޮޅު މީހުންވެސް ބަދަލުކުރާށެވެ. އަތަޅުގެ އެތެރެވަރިވެސް ބަދަލުކުރާށެވެ. މަސްމަހާމެހިވެސް ބަދަލުކުރާށެވެ. ގޫގަލް އާތުގަ އޮތް އައްޑުއަތޮޅުގެ ޗާޓުވެސް ބަދަލުކުރާށެވެ. މީ ޖާބިރުއަށް ވާނެ ކަމެއްނަމަ ޖާބިރުއަށް ހެރަތެރަ ރިސޯޓުގެ ނަންބަދަލުކޮށްގެން ކާމިޔާބު ލިބޭނެއެވެ. އަޅުގަޑަށް ވިސްނޭގޮތުގަ ހެރަތެރޭގެ ނަންބަދަލުކުރިޔަސް ހެރަތެރައެއް ބަދަލެއްނުވާނެއެވެ. ސޯލިހު އެބުނާ ހުއިފަތް އަދިވެސް ފަޅާވަރަށް ހަމަ ފަޅާނެއެވެ. ހެރަތެރައާއި ބެހޭ ގޮތުން ދެން އެރަށަށް ޒިޔާރަތް ކޮށްފަތިބި ފަތުރުވެރިން ދައްކާނެ ވާހަކަވެސް ދެން މާ ހަޑިވާނެއެވެ.

އިއްޒައްތެރި މެމެމްބަރު ޖާބިރުއެވެ!! އަޅުގަޑުއެދެނީ މަނިކުފާނުގެ ވިޔަފާރިއަށް ހަމަ ކުރިއެރުން ލިބުމެވެ. އެހެނަސް އެއީ އައްޑުގެ ރައްޔަތުންނަށާއި އައްޑޫގެ އަގުހުރި ތަރިކަތަކުގެ ނަމަށް ހުތުރުނުވާގޮތަށެވެ. މުއައްޒަފުންނަށް މަހުމުސާރަ ޖެހިގެން އަންނަމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ދިނުމަށާއި، މަނިކުފާނު މަޖިލީހުގެ ގޮޑީގައިހުރެގެން އެވިދާޅުވާ އިންސާނީ ހައްގުތަކަށްވެސް ފުރިހަމައަށް ބޯލަބާއިގެން ކުރިއަށް ގެންދިއުމަށެވެ. މުއައްޒަފުންނީ މަނިކުފާނުގެ އަޅުންކަމުގައި ނުހެދުމަށެވެ. އަދި ހެރަތެރައަކީ މަނިކުފާނުގެ އަމިއްލަ ކުންފުނީގެ ވިޔަފާރިއަކަށްވިޔަސް މުޅި އައްޑުއަތޮޅު މިވިޔަފާރީގައި ޝާމިލުކޮށްގެން އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރުމަށް ގޮވާލަމެވެ. އަދި ހެރަތެރަ ރިސޯޓުގެ ވަޒީފާދޭއިރު ބޭރުމީހުންގެ ބަދަލުގައި ދިވެހިންނަށް ވަޒީފާއަށް އިސްކުރުމަށާ އަދި ޙާއްސަކޮށް ވަޒީފާދޭއިރު އައްޑޫމީހުންނަށް އިސްކަންދިނުމަށެވެ. އެއްގޮތަކަށްވެސް ދޮންވެލި ބީޗް ހިންގި ގޮތަށް މުސާރަނުދީ އަދި ބޭނުން ހާބަޔަކަށް ވަޒީފާދީފަ ނުވަތަ ވަޒީފާއިން ހިތައްއެރިހާ ހިނދަކު ވަކިކުރާ އާދަކާދަ ނުގެންގުޅުމަށް އިޙުލާސްތެރިކަމާއެކު ދަންނަވަމެވެ. މިދެންނެވި ގޮތާ ޙިލާފުވެއްޖެނަމަ އައްޑޫ ރައްޔަތުން ނިޒާމީ ނުކުތާނަގާއިގެން އިއްޒައްތެރިމެމްބަރުގެ ބޮލަށްއަރާމަންޒަރު އަޅުގަޑު ދެކެންބޭނުންނުވިޔަސް އެމަންޒަރުފެނުމަކީ ދުރުކަމެއްނޫނެވެ.

0 comments:

މައްޗަށް ދާން